އެއްބަސްވުމާ އެއްގޮތަށް އިޒްރާއިލުން ފަލަޞްޠީނުގެ 620 އަސީރުން މިނިވަން ނުކުރުން ހަމާސްއިން ކުށްވެރިކޮށްފި
February 23, 2025
Share this story

ހަމާސް އަދި އިޒްރާއިލްއިން ހަމަލާތައް މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އިއްޔެ މިނިވަންކުރަންޖެހޭ ފަލަޞްޠީނުގެ 620 އަސީރުން މިނިވަންކުރަން އިޒްރާއިލްއިން ފަސްކުރި މައްސަލަ ހަމާސްއިން ކުށްވެރިކޮށްފިއެވެ. solex
ހަމާސްގެ ސިޔާސީ ބިއުރޯގެ މެމްބަރު އިއްޒަތު އެލް-ރަޝްޤް އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވެސް އިޒްރާއިލްއިން ކަނޑައެޅިގެން އެއްބަސްވުމުގެ ބައިތަކާ ހިލާފްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. "އިޒްރާއިލްގެ އެ ނިންމުމަކީ ކަނޑއެޅިގެން އެއްބަސްވުމާ ޚިލާފްވުން" ހަމާސްގެ ބަޔާނުގައި ބުނެފައިވެއެވެ.
ފަލަޞްޠީނުގެ އަސީރުންގެ 620 މީހުން މިނިވަން ކުރުމަށް ހަމަޖެހިފައި ވަނީ އިއްޔެއެވެ. ހަމާސްއިންވަނީ އެއްބަސްވުމާ އެއްގޮތަށް މިނިވަންކުރަން ކަނޑައެޅި 33 ރަހީނުން އިއްޔެއާ ހަމައަށް މިނިވަންކޮށް ނިންމާ, މަރުވެފައިވާ ފަރާތްތަކުގެ ހަށިތައްވެސް އިޒްރާއިލްއާ ވަނީ ހަވާލުކޮށްފައެވެ. އެއީ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިނިވަންކުރަން ކަނޑައެޅުނު އަދަދެވެ.
ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރާއިލްގެ އެ ނިންމުމަކީ ރަހީނުން މިނިވަންކުރާއިރު އެމީހުންނަށް ކުޑައިމީސްވާގޮތަށް ހަމާސްއިން އަމަލުކުރަމުންދާތީ އެކަމާ ގުޅިގެން ނިންމި ނިންމުމެއްކަމުގައެވެ.
ޖެނުއަރީ 19ގައި އަމަލުކުރަންފެށި އެއްބަސްވުމާއެކު މިއަދާހަމައަށްވެސް ހަމާސްއިން ރަހީނުން ދޫކުރުމުގައި އަމަލުކޮށްފައިވަނީ ކޮންމެ ފަހަރަކުވެސް ހަމަ އެއްގޮތަކަށެވެ. އެއީ މިނިވަންކުރާ މީހުން ސްޓޭޖަކަށް އަރުވާ އެއްފައިވާ މީހުންނަށް ވަދާއު ކިއުމަށްފަހު ރެޑްކޮރޮސްގެ ބަހަށް އަރާގޮތަށެވެ.
އިއްޔެ ބޭއްވި ހަފުލާގައި އިތުރަށް ހިނގި ކަމަކީ މިނިވަންވި ބައެއް ރަހީނުން ޣައްޒާ ދޫކޮށް ދިއުމުގެ ކުރިން ހަމާސްގެ މުޖާހިދުންގެ ބޮލަށް ދޮންދީ ހެދުމެވެ. ހީވާގޮތުން އިޒްރާއިލްގެ ނިންމުން ނިންމާފައިވަނީ އެ އަމަލާއެވެ. ނަމަވެސް އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެއީ އޭނާ އަމިއްލައަށް ބޭނުންވެގެން އެއްވެސް މަޖުބޫރުކަމެއް ނެތި ހިންގި އަމަލެކެވެ. 2015 ން ފެށިގެން ހަމާސްގެ ބެލުމުގެ ދަށުގައި ހުރި އެމީހާ ހަމާސްގެ މެމްބަރުންނާ އުފެދުނު ގާތް ގުޅުމުގެ ތެރެއިން ކީ ވަދާއުއެއް ކަމަށް ވީޑިއޯ އިން ފެންނަ މަންޒަރުން ސާފުވެއެވެ.
ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގައި އަސީރުންނާއި ރަހީނުން މިނިވަންކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑެއް ކަނޑައަޅާފައެއް ނުވެއެވެ.
ނަތައްޔާހޫގެ މިފަދަ ނިންމުންތަކުގެ ސަބަބުން ހަމަލާތައް މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމަށް އެކި ފަހަރުމަތިން ވަނީ ހިޔަނި އެޅި, އެއްބަސްވުން ނިމިދާނެކަމުގެ ބިރު ހީވި އެތައް ދަނޑިވަޅެއް ފާއިތުވި ފަސް ހަފުތާގެ ތެރޭގައިވެސް ފެނިގެން ގޮސްފައި ވެއެވެ.