މަސްތުވާތަކެތި އެތެރެކުރި ތިން މީހަކަށް ދައުވާކުރަން ފޮނުވައިފި
September 22, 2024
Share this story
މަސްތުވާތަކެތި އެތެރެކުރި ތިން މީހަކަށް ދައުވާކުރަން ފޮނުވައިފި އެވެ.solex
ދިވެހި ފުލުހުންގެ ޚިދުމަތުން ދައުވާ ކުރަން ފޮނުވީ މޮލްވި މުޙައްމަދު ހާރޫން (49އ) ޕާކިސްތާން، ވ. ސިނަމާލެ 4 3-03 ޝާހިލް މުޙައްމަދު (40އ) އަދި ހދ. ކުމުންދޫ / ނަރުގިސްވިލާ، އަޙްމަދު ޢައްފާނު (25އ) ގެ މައްޗަށެވެ. ފުލުހުން ބުނީ އެތިން މީހުންނަކީ މިއަހަރުގެ ޖުލައި 24 ވަނަ ދުވަހު ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން ކަމަށެވެ. އެތިން މީހުން ހައްޔަރުކުރީ އެދުވަހު ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓަކުން ފޭބި ތަނުންނެވެ.
މީގެއިތުރުން ފުލުހުން ވަނީ ހޯރަފުށީފައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުވެސް ކޮށްފައެވެ. އެމައްސަލައިގައި އިއްޔެ ހައްޔަރުކުރީ ހއ. ހޯރަފުށި / ރަތްބަގީޗާގެ، އަޙްމަދު ޝީބާން (42އ) އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އޭނާ ހައްޔަރުކުރަން ހިންގި އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނުން ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 50.6 ގްރާމް ހުރިކަމަށްވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ވެސް ފެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައްސަލަ ތަހުގީގު ކުރަނީ ހޯރަފުށި ޕޮލިސް ސްޓޭޝަނުންނެވެ.