ކާރެއް ކޮންޓްރޯލް ނުވެ, ސައިކަލެއްގައި ޖެހި ހުޅުމާލޭގައި ޒުވާނަކު ނިޔާވެއްޖެ
September 06, 2024
Share this story
ކާރެއް ކޮންޓްރޯލް ނުވެ, ސައިކަލެއްގައި ޖެހި ހުޅުމާލޭގައި ޒުވާނަކު ނިޔާވެއްޖެ އެވެ. އެކްސިޑެންޓްގައި ނިޔާވީ ސައިކަލް ދުއްވަން އިން 23 އަހަރުގެ ހަސަން ސަމާހު އެވެ. ކަރެކްޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާ ސަމާހު އަކީ ލ.އިސްދޫ ޒުވާނެކެވެ.solex
ސަމާހު ރޭ ދަންވަރު ހުޅުމާލެ އަށް ދިޔައީ ސެންޓްރަލް ޕާކް ސަރަހައްދުގައި ފަތިހު އޮތް ދުވުމެއްގައި ބައިވެރިވާށެވެ. ސަމާހުއަކީ ދުވުންތަކުގައި ޢާއްމުކޮށް ބައިވެރިވާ ޒުވާނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަމާހު މާލެ އައީވެސް އެދުވުމުގައި ބައިވެރިވާށެވެ. ފުލުހުން ބުނީ އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ލިބުނީ ދަންވަރު 2:48 ގައި ކަމަށެވެ.
ސަމާހު ނިޔާވީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. ސަމާހު ދުއްވި ސައިކަލްގައި ޖެހުނީ ރޭސް ކާރެއް ކޮންޓްރޯލް ނުވެއެވެ. އެކާރު ދުއްވަން އިން 26 އަހަރުގެ ޒުވާނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ދާ ކަމަށެވެ. މިދިޔަ މަހުގެ ތެރޭގައިވެސް ވަނީ ބާރު ސްޕީޑްގައި ދުއްވި ސްޕޯރޓްސް ކާރެއް ކޮންޓްރޯލް ނުވެ, މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.