މިފަހަރު ހައްޖަށް ދިޔަ ހުރިހާ ދިވެހި ހައްޖުވެރިން އަރަފާތް ބިމުގައި
June 15, 2024
Share this story

ލިޔުނީ
އަށްޑުވަސް,
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިފަހަރު ރާއްޖެއިން ހައްޖަށް ދިޔަ އެންމެހައި ދިވެހި ހައްޖުވެރިން އަރާފާތު ބިމަށް މިހާރު ގޮސްފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. solex
މިއަހަރު ދިވެހިން ހައްޖަށް ގެންދިޔަ ހަމަ އެކަނި ކުންފުނިކަމަށްވާ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި ރާއްޖޭއިން ހައްޖަ ދިޔަ ހުރިހާ އެންމެންވެސް ރޭ މިނާގައި ތިބުމަށްފަހު، 24 ބަހެއްގައި ދަތުރުކޮށް މިހާރު ގޮސް ތިބީ އަރަފާތު ބިމުގައެވެ. އަދި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހައްޖު ކޯޕަރޭޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިފަހަރު ރާއްޖެއިން ޖުމުލަ 1115 މީހަކު ހައްޖަށް ގޮސްފައި ވެއެވެ. އެއީ ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ރަސްމީކޮށްދިން 1000 ކޯޓާ އާއި އަދި ފަހުން އިތުރުކޮށްދިން 115 ޖާގައެވެ. މީގެ ތެރެއިން ދިވެހި ސަރުކާރުގެ ޚަރަދުގައި 50 މީހަކު ވަނީ ފަޤީރުންގެ ގޮތުގައި މިފަހަރު ހައްޖަށް ގެންގޮސްފައެވެ.
މިއަދަކީ ހައްޖުގެ އެންމެ މުހިއްމު ރުކުންކަމަށްވާ އަރަފާތް ބިމުގައި މަޑުކުރުމުގެ ރުކުން އަދާކުރެވޭ ދުވަހެވެ. އެ ބިމަށް މިއަދުގެ އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ.
މިއަދަކީ މައްކާއަށް ހޫނު ގަދަ ދުވަހެއް ކަމުން އަރަފާތް ބިމުގެ ހޫނުމިން މަޑުކުރުމަށް ސައުދީ ސަރުކާރުން ވަނީ ކުރިއާލައި ފިޔަވަޅުތަކެއް އަޅާފައެވެ. ހަމަ މިއާއިއެކު ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި އެ ކޯޕަރޭޝަނުންވެސް ވަނީ ދިވެހި ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޓީމެއް އެކުލަވާލައިފައެވެ. އޭގެ ތެރޭގައި މައްކާގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުން ހިމެނޭ އިރު ޑޮކުޓަރުންނާއި، ނަރުހުންވެސް ހަރަކާތްތެރި ވާނެއެވެ.
ހައްޖުވެރިން އަރަފާތާއި، މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި ދާނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަހުވެސް ހައްޖުވެރިން ހޭދަކުރަނީ މިނާގައެވެ.