ޚަބަރުރާއްޖެ

އިންޑިއާ ދަތުރުފުޅަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި

June 11, 2024

Share this story

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދަޢުވަތަކަށެވެ.solexsolex

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ދެ ބޭފުޅުން ބައްދަލުކުރައްވައި ދެޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޝްވަރާތައް ކުރެއްވިއެވެ. މީގެ އިތުރުން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރުވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޢިހުތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޖައިޝަންކަރު ވިދާޅުވީ ރައީސް މުއިއްޒުއާއެކު ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އިންޑިޔާއިން އަބަދުވެސް އަވަށްޓެރި ގައުމުތަކާއެކު ގާތް ރަނގަޅު ގުޅުމެއް ބާއްވަން އިސްކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ދަތުރުފުޅަކީ، އެމަނިކުފާނު 2023 ނޮވެންބަރު 17 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުވެސް މެއެވެ.