ޚަބަރުރާއްޖެ

ރައީސް މުއިއްޒު އިންޑިއާގެ ރައީސާއި ބައްދަލުކުރައްވައިފި

June 10, 2024

Share this story

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ނިއުދިއްލީގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.solexsolex

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ލީޑަރުން ވަނީ ދެޤައުމުގެ ތަރައްޤީއާ ފާގަތިކަމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސް މުރުމޫ ދެއްކެވި ވާހަކަފުޅުގައި ވަރަށް ވަގުތުކުޑަތަން ވެފައި ވަނިކޮށް ދެއްވި ދަޢުވަތު ޤަބޫލުކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމަކީ ދެ ޤައުމުގެ ގާތްގުޅުން ދޭހަކޮށްދޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އިންޑިއާގެ ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ސުޕަރ މެޖޯރިޓީ ހޯދާފައިވާތީ އެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރުގެ "ނޭބަރހުޑް ފަސްޓް ޕޮލިސީ" ފާހަގަކުރައްވައި ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދިނުމުގެ ޝައުޤުވެރިކަން އިންޑިއާގެ ރައީސް ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިންޑިއާ ސަރުކާރުން އެމަނިކުފާނަށް އަދާކުރެއްވި މެހުމާންދާރީ ފާހަގަކުރައްވައި އިންޑިއާގެ ރައީސަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދު އޮންނަ ތާރީޚީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމާއި، ދެޤައުމުން ގުޅުންބަދަހިކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

އީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިންޑިއާގައި އިއްޔެ އެކުލަވައިލި އައު ސަރުކާރުގެ ޔޫނިއަން މިނިސްޓަރު ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ވެސް ވަނީ ޢިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ދޭދޭ ގައުމު ތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިއާގެ ޔޫނިއަން މިނިސްޓަރު މަޝްވަރާކުރެއްވިއެވެ. އަދި އެއް ޤައުމުން އަނެއް ޤައުމަށްދޭ އެއްބާރުލުމާއި އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމްގެ މުހިންމުކަން ފާހަގަކުރައްވާ، ރާއްޖެއާއި އިންޑިއާއިން ދެޤައުމުގެ މެދުގައި މިއޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ދެބޭފުޅުންވެސް ފާޅުކުރައްވާފައިވެއެވެ.